ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ތަފްސީލީ ބަޔާނެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވަމުން، ނާޒިމް ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލު ކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އެކަންކަން ހަޤީގަތަކަށް ވާނެ،" ކަމަށެވެ.
އެމްއެންޕީ ލީޑަރުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ތަޢުރީފު ކުރައްވާފައި ވެއެވެ. މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާސިމް ވިދާޅުވެފައި ވަނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި "ވަކި އަމާޒަކަށް ވާޞިލުވެވޭނެ ތަޞައްވުރަކާއެކު އުންމީދީ ވާހަކަތަކެއް" ހިއްސާ ކުރެއްވި ކަމަށެވެ.
ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއަހަރަކީ ރާއްޖެއަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ އަހަރެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޤާނޫނުއަސާސީގެ ދަށުން ކޮންމެ އަހަރެއްގެވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ މިހާރުގެ ހާލަތާއި އެހާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ބަޔާންކޮށް ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަން ޖެހިވަޑައިގަންނަވައެވެ.

