ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު މަރުވި ޙާދިސާގައި ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ. މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށާއި، އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މި ހިތާމަވެރި ޙާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގާއި އޭނާ ވިހެއި އެމީހުންގެ ތިންވަނަ ދަރިފުޅެވެ. ޢާއިލާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޝިއުނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލަން އުނދަގޫވެގެންނެވެ. ބަނޑަށް 8 މަސް ނުފުރޭ ޙާލަތުގައި، އިމަޖެންސީކޮށް ސިޒޭރިއަން ހަދައި ދަރިފުޅު ނަގަން ޖެހުނީ ޝިއުނާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
ނަމަވެސް އެއަރ އެމްބިއުލަންސް ގްރައުންޑްވެފައި އޮތުމާއި، މޯލްޑިވިއަންގެ ޗާޓަޑް ފްލައިޓް އައި ނަމަވެސް، އަދި މާލެ ގެންދެވުނު ނަމަވެސް ދެ ފުރާނަވެސް ސަލާމަތް ނުވެ މިދުނިޔެއާ ވަނީ އަލްވަދާއު ކިޔާފައެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ނުރުހުން ފާޅުކޮށް، ގއ. އަތޮޅުގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ އިހުތިޖާޖުކުރަމުން ދިޔައެވެ. ޝިއުނާ ނިޔާވީ މާލެ ފުރުވަން އެއަރޕޯޓަށް ގެންގޮސް، ފަރުވާ ނުދެވި ގިނައިރުތަކެއް ވުމަށްފަހުގައެވެ. އަދި ދަރިފުޅު މާލެ ގެންދެވުނު ނަމަވެސް، ފަރުވާ ދެވެން ނުފަށަނީސް ނިޔާވިއެވެ.

