ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަން ޖެހެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިއަދު ރިޔާސީ ބަޔާން އިއްވަވާފައެވެ. 2025 ވަނަ އަހަރަކީ ތަރައްޤީގެ އަމަލީ މަސައްކަތުގެ އަހަރެއްގެ ގޮތުގައި ރައީސް މިއަހަރު ސިފަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން: ފޮޓޯ/ރައީސް އޮފީސް
ރައީސް މުޢިއްޒުގެ ބަޔާނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ އަދަދު މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ދެގުނަ ކުރެއްވުމަށް ނިންމަވާފައިވާކަމެވެ.
ދީނީ ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. އަދި ޒަކާތުގެ ނިޒާމު ޒަމާނީކުރެވި، "އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ" ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން: ފޮޓޯ/ރައީސް އޮފީސް
"އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދީންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ނަމުގައި ޕްރޮގްރާމެއް 2024 ވަނަ އަހަރު ވާނީ ތަޢާރަފުކޮށްފާ. ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ މި ފަދަ ކުދީން ހެދިބޮޑުވުމަށް އެކަށޭނަ ރަނގަޅު ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭން މިހާތަނަށް ޖުމުލަ 65 ކުދިންނަށް ވަނީ ޢާއިލީވެށްޓެއް ހޯދައިދެވިފާ. ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި މަސައްކަތުގެ ތަމްރީނު ފޯރުކޮށްދީ، އެކުދިން ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމެއް ވެސް، މިއަހަރުވާނީ އަލަށް ތަޢާރަފްކުރެވިފަ" ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވިއެވެ
ސިއްޙީ ދާއިރާގެ ކުރިމަގަށް ވިސްނުންފުޅު ބަހައްޓަވާނަކަން ހާމަކޮށް ރައީސް ވިދާޅުވީ ‘އައި.އި.ޔޫ.އައި، އަދި ‘އައި.ވީ.އެފް، ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ‘އައި.ވީ.އެފް، އާއި ‘އައި.ޔޫ.އައި، ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން ފަށާފައިކަމަށެވެ. އަދި މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން 15 މިލިއަން ރުފިޔާ ކަނޑައަޅައި ފަރޓިލިޓީ ކެއަރ ފަންޑެއް ވާނީ ޤާއިމުކުރެވިފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން: ފޮޓޯ/ރައީސް އޮފީސް
"އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިޔާ ބަދަލުކުރާނަން" ރައީސް އިތުރަށް ވިދާޅުވިއެވެ.
ސަލާމަތީ ދާއިރާއަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވަމުން، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި "ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ" އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކުރާ ޤައުމީ ވާޖިބެއްކަމުގައި ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން: ފޮޓޯ/ރައީސް އޮފީސް
މި ރިޔާސީ ބަޔާނުން ފާހަގަވެގެންދިޔައީ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަލާމަތީ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވާ، ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި އިތުރަށް ހަލުވިކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅެވެ.

