މާލޭގެ މަސްމާރުކޭޓު ހުންނަ ސަރަހައްދުގެ ފަޅުގައި އަޅާފައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް އެ ތަނުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ. މިއީ މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް، ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އަޅާފައިވާ އުޅަނދުތަކެކެވެ.
ކައުންސިލުން ބުނާ ގޮތުގައި މި އުޅަނދުތަކަކީ އެއްގޮތަކަށްވެސް ދަތުރު ނުކުރާ، އަދި ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ އުޅަނދުތަކެކެވެ. މީގެ ތެރޭގައި ރަޖިސްޓަރީ ނަންބަރު ވެސް ނުޖަހާ ހުރި އުޅަނދުތައް ހިމެނެ އެވެ. މި އުޅަނދުތަކުގެ ސަބަބުން ފަޅުގެ ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ މަސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވެ އެވެ.
ނެގުމަށް އަންގާފައިވާ އުޅަނދުތަކުގެ ތެރޭގައި މުނިޔާ އާއި އުންމީދު ގެ އިތުރުން ނަން ނުޖަހައި ރަޖިސްޓަރީ ނަންބަރު ވެސް ނެތް ދެ އުޅަނދު ހިމެނެ އެވެ. މި އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ތިބި ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހާޒިރުވެ، އެކަން އަންގަން ޖެހޭނެ އެވެ.
ކައުންސިލުން އިތުރަށް ބުނާ ގޮތުގައި ކަނޑައެޅިފައިވާ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ، އެއީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި، ގަވާއިދާ އެއްގޮތަށް އެ އުޅަނދުފަހަރު ނަގައި ވިލިމާލޭ ބަނދަރަށް ގެންދެވޭނެ އެވެ. އަދި މި މަސައްކަތުގެ ތެރޭގައި އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

