ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަތިންދާ ބޯޓަކީވެސް އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ކަމަށްވާއިރު، 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ވަނީ އިޢުލާން ކޮށްފައެވެ.
މޯލްޑިވިއަންއަށް ފުރަތަމަ ވައިޑް ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން ގެނައި މަތިންދާ ބޯޓެކެވެ. މި ބޯޓުގައި 264 ފަސިންޖަރުންނަށް ޖާގަ ލިބެއެވެ.
އައިލޭންޑް އޭވިއޭޝަން ކުންފުނިން ބުނާ ގޮތުގައި، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
“މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެ” ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
މިހާރު މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާ ބޯޓުން ޗައިނާގެ ތިން ސިޓީއަކަށް ސީދާ ދަތުރުތައް ކުރަމުންދެއެވެ. އެއީ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއަށެވެ. ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި ވައިޑް ބޮޑީ މަތިންދާ ބޯޓުތަކާއެކު ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

