އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ފައިސާ ޗާޕްނުކޮށް، ޤައުމަށް ދިމާވެދާނެ ހާލަތްތަކަށް ވިސްނައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ބޭއްވުނު ރިޔާސީ ބަޔާން 2025 ފޯރަމުގައެވެ.
މީގެ އިތުރުން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ފްލޯޓިން ސޯލާ ޕެނަލް މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“ފްލޯޓިން ސޯލާ ޕެނަލް މަޝްރޫޢުގެ ސަބަބުން އަހަރަކު 43 މިލިއަން ޑޮލަރު ރާއްޖެއަށް ސަލާމަތްކުރެވޭނެ.” މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމެވެ. މި ގޮތުން ފައިސާ ޗާޕްކުރުމުގެ ބަދަލުގައި ދުރު ރާސްތާގެ ފައިދާ ލިބޭނެ މަޝްރޫޢުތަކަށް އިސްކަންދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފްލޯޓިން ސޯލާ ޕެނަލް މަޝްރޫޢަކީ ތިމާވެށްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުގެ މިންވަރު މަދުކުރެވި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެއެވެ.

