އޯޓިޒަމްއާ ގުޅޭގޮތުން މީހުންގެ ހިތްތަކުގައި އުފެދިފައިވާ ކުށްހީތައް ފިލުވާލުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މި ވާހަކަ ފަސްޓްލޭޑީ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ހުޅުމާލޭގައި ހުންނަ އެ ޖަމިއްޔާގެ އިމާރާތުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ “އޯޓިސްޓިކް ކުދިންނަށް ހާއްސަ ފަރުވާއެއް ދީފައި، ރަނގަޅުކުރުމަށް ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުން އުފެދޭ ތަފާތު ވިސްނުމާއި އުޅުން ބަދަލުކުރަންޖެހޭ ކަމަށް އާންމުން ގަބޫލުކުރުމަކީ ރަނގަޅު ކަމެއް ނޫން” ކަމަށެވެ.
ފަސްޓްލޭޑީ އިތުރަށް ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުންނަ ތަފާތުކަމާއެކު އެ ކުދިން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ ހުރިހާ ފަންތިއަކުން، އެ ކުދިންނަށް އެއްބާރުލުން ދިނުމާއި އެ ކުދިންނަށް އަމިއްލަ ހައްގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ދެވޭ ފަދަ މާހައުލެއް ގާއިމްކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އޯޓިޒަމްގެ އެކި މައްސަލަތަކާއެކު ވެސް ކާމިޔާބުކަމާއެކު ދިރިއުޅުނު އަދި މިހާރު ވެސް އުޅެމުން އަންނަ ޝަހުސުންގެ ވާހަކަ ފާހަގަކުރެއްވި ފަސްޓްލޭޑީ، އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި، އެ ކުއްޖާގެ ހުރި ގާބިލްކަން ދެނެގަނެ، އެ ރޮނގުން އެ ކުއްޖާއަށް ވީހާ ވެސް ގިނަ ފުރުސަތުތަކެއް މަގުފަހިކޮށްދިނުމަށް ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވާފައެވެ. އަދި ތަހުޒީބު މުޖުތަމައުއަކަށް މި ތަން ބަދަލުކުރުމަށް އޯޓިޒަމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

