އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ (އައިޖީއެމްއެޗް) އެމަޖެންސީގައި ފަރުވާދެމުން ދަނިކޮށް ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކު ނިޔާވި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެއްވެސް ތަނަކުން ވެއްޓިގެން ލިބުނު އަނިޔާއަކާ ގުޅިގެން ނޫނެވެ. އަދި ފުލުހުން ކުރި ތަހުގީގުގައި، އޭނާގެ ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާންތައް ފިޔަވައި އިތުރު އެއްވެސް ގެއްލުމެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހޮސްޕިޓަލުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އެ އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް، ކުއްލިއަކަށް ތެދުވެ ދުވަން އުޅުމުގެ ތެރޭގައި ވެއްޓުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާތަނަށް އާއިލާގެ ފަރާތުން އެއްވެސް ތުހުމަތެއް ނުވަތަ ޝަކުވާއެއް ފުލުހުންނާ ހިއްސާކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އާންމު އުސޫލުން ހަށިގަނޑުގެ ސުންކު ނަގާފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން މިވަގުތު ބަލަމުންދާ ކަމަށެވެ.

