ރީތިރަށް ރިސޯޓް ކައިރީގައި ދަތުރުކުރަމުންދިޔަ ލަގްޒަރީ ޔޮޓެއްގައި މިމަހުގެ 5 ވަނަ ދުވަހުގެ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ފިހިގެން ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައެވެ. އެ ޔޮޓް ދަތުރުކުރަމުން ދިޔައީ ރިސޯޓުގެ ފަސް މޭލު ބޭރުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ފަތިހު 3:43 ގައެވެ.
މި ހާދިސާ ހިނގި ވަގުތު ޔޮޓްގައި ތިބީ ފަސް މީހުންނެވެ. އޭގެ ތެރެއިން އެއް ފަރާތެއް ފިހިގެން ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައެވެ. އަދި މި ހާދިސާގައި ޔޮޓް ވަނީ އަޑިއަށް ގޮސްފައިކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށް ފުލުހުންގެ ތަޙުޤީޤު މިހާރުދަނީ ކުރިއަށެވެ. މި ހާދިސާ ހިނގި ސަބަބާއި އިތުރު ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ނަވައިމާ ޔޮޓަކީ އޭޑީކޭ ގްރޫޕުން ހިންގާ ޔޮޓެކެވެ. މިއީ 26.25 މީޓަރު ދިގު އުޅަނދެކެވެ.

