ކަންތައްތަކެއް ބަދަލުކުރުމަށް ސުލްހަވެރިކަމާއެކު ގޮވާލައި، ހޮސްޕިޓަލުގައި ހުރި ކަންތައްތައް ރަނގަޅުކުރުވުމަށް ގޮވާލުމަށްޓަކައި މާދަމާ ހަވީރު، ގއ އަތޮޅުހޮސްޕިޓަލު ކައިރީ، ކަޅުހެދުމުގައި އިހުތިޖާޖެއް ކުރުމަށް ނިންމައިފިއެވެ.
ގއ ވިލިނގިލީ ކައުންސިލު ރަައީސް، ހުވަދޫމީޑިއާ އަށް ވިދާޅުވީ މާދަމާ ހަވީރު ކަޅު ހެދުމުގައި އިހުތިޖާޖަކަށް ނުކުންނަން އެރަށުގެ ރައްޔިތުންގެ ތެރެއިން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ އެއްވެސް ހާލެއްގައި ސިޔާސީ އަޑުއުފުލުމެއް ނޫންކަމަށާއި ނުވަތަ ސަރުކާރާ ދެކޮޅަށް ކުރާ އިހުތިޖާޖެއް ނޫންކަމަށްވެސް ކައުންސިލު ރައީސް ވަނީ ހާމަކުރައްވާފައެވެ. މި އިހުތިޖާޖަކީ، ގއ އަތޮޅު ހޮސްޕިޓަލުގެ ކަންކަން ރަނގަޅު ކުރުމަށް ގޮވާލުމަށް އެއްވާ ސުލްހަވެރި އެއްވުމެއް ކަމަށް ކައުންސިލު ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ގއ އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު ހާލުދެރަވެގެން މާލެ ގެންދިޔަ ޝިއުނާއާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގައި ބައެއްގެ އިހުމާލެއް އޮތްތޯ ބަލައި ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް، ހަތް ކައުންސިލަރުންގެ ސޮޔާ އެކު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މުހިއްމު ކަމަށެވެ. އަދި އެހޮސްޕިޓަލަކީ އާއްމުން އިތުބާރުކުރާ އަދި އެ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް، ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމާ ހަމައިން ފެށިގެން ދެވޭ ފަރުވާގެ އުސޫލާއި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނާމެދު އަމަލު ބަހައްޓާ ގޮތާއި އަދި ފަރުވާއަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފަތުރާއި ރިފަރަލް ޕްރޮސީޖާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ވަކި ވަކިން ބަލައި މިހާރު އަމަލުކުރާ ގޮތް މުރާޖައާކޮށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުގެ ރައީސާއި ނައިބުރައީސް ގެ އިތުރުން 5 މެންބަރުންގެ ސޮޔާއެކު ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ފަދައިން މާދަމާ ބާއްވާ މި އިހުތިޖާޖަކީވެސް، ހޮސްޕިޓަލުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ގޮވާލާ އިހުތިޖާޖެކެވެ. ހޮސްޕިޓަލާމެދު އާންމުންގެ އިތުބާރު އަނބުރާ ލިބޭނެ ގޮތަށް ކަންތައް ކުރުމަށް ގޮވާލާ އެކުވެރިކަމާއެކު ސުލްހަވެރިކަމާއެކު ދިމާވެފައިވާ ބޮޑު މައްސަލައަށް ހައްލު ހޯދުމަށް އެއްވާ އެއްވުމެއްކަން، ކައުންސިލުން ވަނީ ޔަގީންކޮށްދީފައެވެ.

