މިއަދު ހެނދުނު 8:00 އިން ފެށިގެން، މިއަހަރުގެ ފުރަތަމަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި ގިނަ މަރުކަޒުތަކުގައި ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 12 ދާއިރާއަކަށް ވޯޓުލުން ކުރިއަށްދާއިރު، މީގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ. މި ދާއިރާތަކުގެ ތެރޭގައި
- ހދ. މަކުނުދޫ ކައުންސިލް މެންބަރުކަމާއި،
- ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި ހިމެނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވޯޓުލުން ކުރިއަށްދަނީ
- ހދ. ހިރިމަރަދޫ،
- ނ. މިލަދޫ،
- ނ. ފޮއްދޫ،
- ރ. އިންނަމާދޫ،
- ބ. ގޮއިދޫ،
- އދ. ހަންޏާމީދޫ،
- ދ. ހުޅުދެލި،
- ލ. ގަން،
- ތ. ބުރުނި
- ގއ. ކަނޑުހުޅުދޫ
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމަށް މާފަންނު މަދަރުސާގައި 4 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލެވުނު ނަމަވެސް، 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބޭއްވުމަށް ނިންމާފައިވެއެވެ.

