ރ. މީދޫގައި މަގުމަތީގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، ޒާތީ މަޢުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އޭގެ ފަހުން، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.
މީގެ އިތުރުން، މި ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންނެވެ.

