އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މާލެއަށް ނިސްބަތްވާ މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ތުހުމަތެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައެވެ.
މި ދެ މީހުން ވަނީ އެތަނުގެ މުވައްޒަފެއްގެ ހުއްދައާއެކު އެލުމިނިއަމް ތަކެތި ނެގި ކަމަށް ބުނެފައެވެ. ނަމަވެސް، ހުއްދަ ދިން މުވައްޒަފަކީ ކާކުކަން އެ މީހުންނަށް ބުނެ ނުދެވުނެވެ. ފުލުހުންގެ ކުށުގެ ހާދިސާބަޔާނުގައި ބުނެފައިވާ ގޮތުގައި މި މީހުން އުޅެފައިވަނީ އޭސީތަކުގެ ބައިތަކެއް ވަގަށް ނަގާށެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު 40 އަހަރުގެ މީހާ ބުނެފައިވަނީ މިއީ އޭނާގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެތަނަށް ދިޔައީ ރައްޓެއްސެއް ފެނިގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

