ގދ. ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިޢުލާން ކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރެވުނު މި އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ވަނީ ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލެވިފައެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 455,000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.
މި މަޝްރޫޢުގެ ބިޑިންގ ޕްރޮސެސް ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 25 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ.
މި އިޢުލާނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖަނަވަރީ މަހު ގދ. ނަޑެއްލާއަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ވަޢުދު ފުއްދުމުގެ ގޮތުން ކުރެވުނު އިޢުލާނެކެވެ. "މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއް،" ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

