އިދާރާތަކުން، އެޖެންސީތަކުން ނުވަތަ އަމިއްލަ ކުންފުނިތަކުން އައިޑީކާޑަށް އެކްސެސްވާނަމަ ރުހުން ހޯދަންޖެހޭ ގޮތަށް ޒަމާނީ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމްކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިކަން އިހުސާން ހާމަކުރެއްވީ ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި އިންޓަނެޓް ޕެނެޓްރޭޝަން ރޭޓް އެންމެ މަތީ އެއް ގައުމެވެ. އަދި އާބާދީގެ 150 އިންސައްތައަށް މޯބައިލް ފޯނު ނަންބަރު ދޫކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަކީ މި ޒަމާނުގެ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައި އޮތް މުޖުތަމައު، ޑިޖިޓަލައއިޒޭޝަންގައި ރާއްޖެ ނާންނަ ހިސާބަކީ އެ މުޖުތަމައު ތެރޭގައި އޮތް ޕޮޓެންޝިއަލް ހާނެސް ނުކުރެވުން،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިސީޓީގެ ދާއިރާއިން ގެންނަން ފަށާފައިވާ އިންގިލާބީ ބަދަލުގެ ބައެކެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީގެ ގަވަނަންސް ހަރުދަނާ ކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފް ކުރުމާއި، ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް ބިނާކުރުމާއި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުން ހިމެނެއެވެ.
އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި މި އައު ނިޒާމުގެ ދަށުން ރައްޔިތުންނަށް އެމީހުންގެ މައުލޫމާތަށް އެކްސެސްވާ ފަރާތްތަކާއި، އެކްސެސްވާ ސަބަބު ބެލޭނެއެވެ. އަދި މައުލޫމާތަށް އެކްސެސްވުމުގެ ކުރިން ރައްޔިތުންގެ ހުއްދަ ހޯދަންޖެހޭނެއެވެ.

