މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގައި ތިން އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 36 އަހަރުގެ އަންހެނަކާއި، ހއ. ހޯރަފުއްޓަށް ނިސްބަތްވާ 29 އަހަރުގެ އަންހެނަކާއި، އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ 47 އަހަރުގެ އަންހެނެކެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން އަންހެނުންގެ އިތުރުން ދެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނަކާއި މާލެއަށް ނިސްބަތްވާ 54 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ ބަންދު މުއްދަތެއް ކަނޑައަޅާފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފަރާތްތައް ބަންދުކުރަން ޖެހުނީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކަށް ވެފައި، ފަރުވާގެ ފުރުސަތު ދޭންޖެހޭ ބަޔަކަށް ވާތީއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން ދިއުމާއެކު، ފުލުހުންގެ ފަރާތުން މިފަދަ މައްސަލަތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ފަރުވާގެ ފުރުސަތު ހޯދައިދިނުމަށް އިސްކަމެއް ދެމުންދާކަންވެސް ފާހަގަކުރެވެއެވެ.

