މާލޭގެ ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.
މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ މ. ހައުސްޕްލާޒާ ގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ. މި މަޢުލޫމާތު ދެއްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، އަލިފާން ރޯވެފައިވަނީ މ.ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާ ގޭގައެވެ. މި ގެއަކީ މިވަގުތު މީހުން ދިރިނޫޅޭ ބާ އިމާރާތެކެވެ.

މިއީ މި ގޭގައި ފަހަކަށް އައިސް ދެވަނަ ފަހަރަށް ހިނގި އަލިފާނުގެ ހާދިސާއެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 6 ވަނަ ދުވަހު ވެސް މި ގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކުރެވުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދުގެހާދިސާއާ ގުޅިގެން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތައް ވަރަށް އަވަހަށް ސަރަހައްދަށް ފޮނުވައި، އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވި، މިހާރު ވަނީ އަލިފާންގަނޑު މުޅިން ކޮންޓްރޯލްކުރެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އަދި މިވަގުތާ ހަމައަށް ލިބިފައެއް ނުވެއެވެ.

