ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑުގެ ހުޅަނގު ފަރާތުގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ކޯރާޑީއަކުން ހަމަލާދިން މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ދެ މީހުން ހައިވޭއިން މާލެއަށް ދަނިކޮށް ފުލުހުން ވަނީ ހުއްޓުވައި، ބަލައި ފާސްކުރުމަށްފަހު ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކުރެވުނު ދެ މީހުންނަކީ ހީނާމާގެ / ގދ. ފިޔޯރީ، ރުސްތުމް އިބްރާހިމް (25 އަހަރު) އަދި ސްޓާރ / ބ. ހިތާދޫ، އަބްދުﷲ ޒާހިދު ޒުބައިރު (18 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:35 އެހައިކަށްހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދެއްވާގޮތުގައި، މި ދެ މީހުން ހައްޔަރުކުރެވުނު ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ކޯރާޑީގެ އިތުރުން ވަޅިއެއްވެސް ވަނީ ފެނިފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ފުލުހުން ކުރިއަށް ގެންދަމުންނެވެ.

