ސައޫދީ އަރަބިއްޔާގެ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒުވާން ޚަޠީބުންނަށް އުމުރާގެ ފުރުޞަތު ފަހިކޮށްދީފިއެވެ. މި ދަތުރުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ ޔޫނިއަންގެ ދަރިވަރުންނާއި، ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މި ދަތުރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެ ޚާއްޞަ ސެޝަނެއް ބާއްވާފައެވެ. މި ސެޝަންގައި އުމުރާ އަދާކުރުމާ ގުޅޭ މުހިންމު މަޢުލޫމާތު ދަތުރުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރެވުނެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، 2024 ވަނަ އަހަރު އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޤައުމީ މަޝްރޫޢުގެ ދަށުން 930 އިމާމުންނާއި ޚަޠީބުން ވަނީ ތަމްރީނު ކޮށްފައެވެ. މި ތަމްރީނު ލިބިގަތް ޒުވާން ޚަޠީބުން މިހާރު ދަނީ މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު އަދި ޖަމާޢަތުގައި ނަމާދުކުރަމުންނެވެ.

