އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކޮށް ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށާއި ވަރަށް އަވަހަށް މަގު ހުޅުވާލާނެ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީ އިން ބުނީ މަގުގެ އެސެސްމަންޓްތައް ނިމުމުން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.
މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް އަޑިގުޑަންވެ ހަލާކުވުމާ ގުޅިގެން، މި މަސައްކަތް ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުން އިރުން ހުޅަނގަށް ދުއްވާ ލޭނުންނެވެ.
ކުރިން މި ސަރަޙައްދުގެ މަސައްކަތް ނިންމާ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިކަން މެދުވެރިވީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.
އާރްޑީސީން މިހާރު ވަނީ މި ސަރަޙައްދުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައެވެ. އަދި މިފަހަރު މަގު ހުޅުވާލާނީ ތާރު ރަނގަޅަށް ހިކުމަށްފަހުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިހާރު ކުރިއަށްދަނީ ބިނާވެށި ޕްލޭނިންގ މިނިސްޓްރީން ކުރިއަށްގެންދާ އެސެސްމަންޓްގެ މަސައްކަތްތަކެވެ.
މަގުގެ މަސައްކަތް ލަސްވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ މަސައްކަތް ފެށި ދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން ކުރިމަތިވި ލަސްތަކެވެ. ނަމަވެސް މިހާރު މަސައްކަތް ނިމި، ޓްރެފިކް ކުރެހުންތައް ނިންމުމަށްފަހު ވަރަށް އަވަހަށް މަގު އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

