މާލޭގެ މައި މަގުމަތީގައި ހުންނަ މ. ހައުސް ޕްލާޒާގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއަކުން މީހުން ބަދަލުކޮށްފިއެވެ.
ޝީ ބިލްޑިންގ ކުރިމަތީގައި ހުންނަ ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ހެނދުނު 07:47 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވިގޮތުގައި، އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވެއެވެ. އަދި އެ ފެންހޮޅިތައް މަރާމާތު ކުރެވެންދެން އެ ދެ ގެއިން މީހުން ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްސީން ވިދާޅުވިއެވެ.
އެންޑީއެމްސީން އިތުރަށް ވިދާޅުވި ގޮތުގައި، އެ ދެ ގެއިން ޖުމްލަ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވެއެވެ. މީގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ހައުސް ޕްލާޒާގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މ. ހައުސްޕްލާޒާގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.

