ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ފޭރިގަތުމަށް ސްކޭމަރުން ފޮނުވަމުންދާ ލިންކްތައް ބްލޮކްކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް އެ ލިންކްތައް ފޮނުވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
މި ފަހަކަށް އައިސް “ކިރާ ބެޓް” ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާއިރު، އެ މެސެޖްތަކުގައި ލިންކްތަކެއް ހިމަނައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިފަދަ ލިންކްތައް މެދުވެރިކޮށް ރައްޔިތުންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ނެގުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ސްކޭމްކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ވަނީ ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. މި ސެންޓަރު މެދުވެރިކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ އެކަށޭނަ ގޮތުގައި އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ސްކޭމް ކޯލްތަކާއި މެސެޖްތައް މެދުވެރިކޮށް ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތަކަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ފުލުހުންގެ މި މަސައްކަތާއެކު މިފަދަ މައްސަލަތައް ކޮންޓްރޯލްކުރެވި، ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

