އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް (އޯޖީޕީ)ގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފިލިޕީންސްގައި ހުންނަވައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި ވަޒީރު ވިދާޅުވީ، އޯޖީޕީގެ މެންބަރު ޤައުމަކަށް ރާއްޖެވުމުން، ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތައް ތަންފީޒުކުރުމުގެ މަރުޙަލާގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
“ޚާއްޞަކޮށް ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން މައްސަލަތައް ޙައްލުކޮށް ނަޒާހަތްތެރިކަން ކަށަވަރުކޮށް، ހެޔޮވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެ،” ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާކަން ހާމަކޮށްފައިވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިކަން ލިބިގެންދާނެއެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

