އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހަށްވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކޮށް، ރަމަޟާން މަހުގެ ރޯދައާއެކު އަޅުކަމަށް ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވުމެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “މައިންޑްފުލް ރަމަޟާން” ވޯކްޝޮޕަކާއި “މަރުޙަބާ ރަމަޟާން” ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިޙްޔާ ފޯރަމާއި، 7 ސިޓީ/ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން 6 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު މާލޭގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން ކޮންމެ ދުވަހެއްގެ އަޞުރު ނަމާދަށްފަހު މާލޭގައި ދަރުސް ދިނުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ޕްރޮގްރާމްތައް ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްތަކަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރަމަޟާން މަހުގެ ބަރަކާތްތެރިކަން އިތުރުކުރުމަށް ރޭވިފައިވާ ޕްރޮގްރާމްތަކެކެވެ.

