މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހަވީރު ހުޅުމާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކުފޯހުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި އޮޕަރޭޝަންގައި ހުޅުމާލޭގައި ހުރި ތިން ކެފޭ އަދި ޓޭކްއަވޭ އެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން އެއް ތަނުން ސައްހަ ވިސާ ނެތި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
މިއީ މިހާރުގެ ސަރުކާރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ ފުޅާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން، ޚާއްޞަކޮށް ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީންނާއި މަސްތުވާތަކެތީގައި އުޅޭ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރެވޭނެކަން އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.

