ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
މިރޭ 20:00 އިން މެންދަމު 02:00 އާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.
މޫސުމާބެހޭ އިދާރާއިން މިއަދުގެ މޫސުން ކުރިއަށް ލަފާކުރާއިރު، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އިތުރު ތަފްސީލު ދެމުން މެޓްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އިރުއުތުރާއި އިރުން، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މީގެއިތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެ ކަމަށްވެސް މެޓްއިން ލަފާކޮށްފައިވެއެވެ.

