ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި، ޚިދުމަތްދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ސައިކަލު ފަދަ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި އެކަންޏެވެ. މި ސަރަހައްދުތަކުގައި އުޅަނދު ދުއްވުން ހުއްދަ ބާރުމިން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
“މިއީ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް” ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މި ފިޔަވަޅަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ބާރުއެޅުމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރައްވާއިރު، މި އިޖުރާއަތުގެ ދަށުން ހެލްމެޓް ލާޒިމުނުވާ ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާ ފަރާތްތަކަށް ފުލުހުން ޚާއްސަ ސަމާލުކަމެއް ދޭނެއެވެ.

