އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ޤާނޫނަށް އިޞްލާޙު ހުށައަޅުއްވައިފިއެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރު ހުށަހެޅުއްވި މި އިޞްލާޙުގެ މަޤްޞަދަކީ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމެވެ.
މި އިޞްލާޙުގެ ދަށުން، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ދޭންޖެހޭނެއެވެ. އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ.
އިޞްލާޙުގައި އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލުކޮށް، އެ ކޮމިޓީތަކަށް އިތުރު ބާރުތަކެއް ދީފައިވެއެވެ. މީގެ ތެރޭގައި މަދަނީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކޮށް އެކި ޕްރޮގްރާމްތައް ހިންގުމުގެ ބާރު ހިމެނެއެވެ.
އަދި ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ 5% އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށް ޚާއްޞަކުރަންޖެހޭނެކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

