ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ބަންދު ކުރި ދެ މީހުންގެ ތެރެއިން އެކަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
މި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ދަނިކޮށް މާލެ-ހުޅުމާލެ ހައިވޭ މަތިން ދެ މީހަކު ހައްޔަރުކުރިއެވެ. އެ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (25 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19 އަހަރު) އެވެ.
ފުލުހުން ބުނާ ގޮތުގައި އެ މީހުން ހުއީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާއި ވަޅިއެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމޒިރުކުރުމުން، ރުސްތުމް 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު، ސައިފުﷲ ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ހައިވޭ މަތިން ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި އިތުރު މާރާމާރީތަކެއް ހިނގާފައިވެއެވެ. އޭގެ ތެރޭގައި ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީން ހިންގި މާރާމާރީއެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި ކަނބާ އައިސާ ރަނި ހިނގުމުގައި ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.

