ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރިއަށްގެންދާ މަސްތުވާތަކެތީގެ ރިހެބިލިޓޭޝަން ފަރުވާ ފުރިހަމަކުރާ މީހުންނަށް، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ ފަރާތްތަކަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތައް ފުރަތަމަ ފަހަރަށް ފަށައިފިއެވެ.
ޕީއެސްއެމްގެ ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ފަރުވާ ފުރިހަމަކުރާ ފަރާތްތައް އަނބުރާ މަސްތުވާތަކެތީގެ ވަބާއަށް ދިއުމުގެ ފުރުޞަތު ކުޑަކޮށް، އެމީހުންގެ ދިރިއުޅުން ކުރިއަރުވައި ދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކޯސް ފެށިފައިވަނީ މި މަހުގެ 3 ވަނަ ދުވަހު މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެންނެވެ. މިއީ 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ކޯހުގައި އެންޑީއޭގެ 19 ކްލައިންޓުން ބައިވެރިވެފައިވެއެވެ.
“ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރިޝަން ކޯސް ފުރަތަމަ މި ފެށީ. ކޯސް ނިންމާއިރު، ވަޒީފާގެ މާޙައުލަށް ވަރަށް ބޮޑަށް ތައްޔާރުވެފަ ތިބޭނީ.” ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.
ކޯހުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރާގޮތުގައި، މިއީ އެމީހުންނަށް ވަޒީފާ ހޯދައި، ދިރިއުޅުމުގައި ކުރިއަށްދާން ލިބޭ މުހިންމު ފުރުޞަތެކެވެ. އަދި މިއީ މުޖުތަމަޢުގެ އިތުބާރު ހޯދައި، ވަޒީފާގެ މާޙައުލުން ބަލައިގަންނަ ފަދަ މީހެއްގެ ގޮތުގައި ވުމަށް ލިބޭ ފުރުޞަތެއްކަމަށް އެމީހުން ދެކެއެވެ.
ސްޓޭޓް މިނިސްޓަރ ލުބްނާ އިތުރަށް ވިދާޅުވީ، ހިންމަފުށީގައި ހުންނަ އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުގައި ޕޮލިޓެކްނިކްގެ ކުޑަ ބްރާންޗެއް ހެދުމުގެ މަޝްވަރާތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. އަދި އިތުރު ދާއިރާތަކުން ކޯސްތައް ހިންގައި، ތަމްރީންތައް ފަހިކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

