މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
އެމްޕީއޭއޯ އިން މިއަދު ނެރުނު ޚަބަރެއްގައި ބުނެފައިވަނީ މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް ކުރިއަށް ދިއުމަށް އެދޭ ހުނަރުވެރި ދިވެހިންނަށް އެ ފުރުޞަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުން ކަމަށެވެ.
މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން މިއަހަރަށް ވަނީ އެއް އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް އިޢުލާންކޮށްފައެވެ.
ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނެ ދާއިރާތައް:
* ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް
* އިކޮނޮމެޓްރިކްސް
* އެކްޗުއޭރިއަލް ސައިންސް
މި ސްކޮލަރޝިޕްތަކުގެ ދަށުން ޓިކެޓުގެ ޚަރަދާއި ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ދިރިއުޅުމުގެ ޚަރަދުން ބައެއް ޕެންޝަން އޮފީހުގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ.
ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 16 ވަނަ ދުވަހުގެ 16:00 އެވެ. އިތުރު މަޢުލޫމާތާއި ޝަރުތުތައް ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

