ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ މަސައްކަތް ނިންމުމުގެ ފަހުގެ މަސައްކަތްތައްކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
11 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން، ފާލަމުގެ ސްޓްރަކްޗަރއާއި ފުރާޅު އަދި ތަނބުތަކާއި ސީލިންގގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފާލަމުގެ ފްލޯރިން އެޅުމާއި ފިނިޝިންގ މަސައްކަތްތައްކަމަށެވެ.
2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ މަސައްކަތް ޢަމަލީގޮތުން ފެށިފައިވަނީ މިދިޔަ އަހަރުގެ މޭ މަހުއެވެ. މަސައްކަތް ނިންމުމަށް ކުރިން ތާވަލުކޮށްފައިވީ މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހަށް ނަމަވެސް، އެމްޓީސީސީން ބުނީ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މި މުހިންމު ބިނާއަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ވަޑައިގަތުމަށް ބޭނުންކުރައްވާ ފާލަމެކެވެ. މީގެއިތުރުން ޓޫރިސްޓް ރިސޯޓުތަކާއި ކްރޫޒް ލައިނާތަކުން ފަތުރުވެރިން މާލެއަށް އަރާ ފޭބުމަށްވެސް މި ފާލަން ބޭނުންކުރެއެވެ.
އެމްޓީސީސީން ދެއްވާފައިވާ ޔަޤީންކަމުގައިވާ ގޮތުން، އަލަށް ތަރައްޤީކުރާ ރަސްމީ ފާލަމަކީ ދިވެހީންގެ ޤައުމިއްޔަތާއި ސަޤާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ވާނެއެވެ.

