އަންނަ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 1500 ޑޮލަރު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމުން ރައީސް ޑރ މުއިއްޒު އެދިވަޑައިގެންނެވިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އިރުޝާދާ އެއްގޮތަށް، ބޭންކު އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަނީ މި އިތުރު ލިމިޓް ހަމަޖެއްސުމަށް އަންގަވާފައެވެ. މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދަކީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި އިތުރު ލިމިޓު ހަމަޖައްސައިދޭނީ މިހާރު އޮންނަ ޑެބިޓް ކާޑު ޑޮލަރު ލިމިޓުގެ އިތުރުންކަމަށެވެ.

