ކިތަންމެ ރީތިވެފައި ނަލަ މީހަކަށް ވިޔަސް، އަނގައިން ނުބައިވަސް ދުވާނަމަ މީހުންގެ ރުހުމާއި ލޯބީގެ ބަދަލުގައި ލިބޭނީ ފޫހިވުމާއި މަލާމާތެވެ. މިކަމަކީ ލަދުގަނެ، ފަހަތަށް ޖެހިގެން ރަނގަޅު ކުރެވޭނެ ކަމެއް ނޫނެވެ. އަނގައިން ނުބައިވަސް ދުވުން ނުވަތަ ހެލިޓޯސިސްއަކީ ދުލުގެ މަތީ ފަށަލައާއި ކަރުގައި އުޅޭ ސަލްފަރ އުފައްދާ ބެކްޓީރިއާގެ ސަބަބުން މެދުވެރިވާ އާންމު މައްސަލައެކެވެ.
ނުބައިވަސް ދުވުމުގެ ސައިންޓިފިކް މެކޭނިޒަމް: ބައެއް ހާލަތްތަކުގައި، މި ބެކްޓީރިއާތައް ޕްރޮޓީން ނައްތާލަން ފަށަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. މިގޮތަށް ޕްރޮޓީން ނައްތާލުމުގެ ތެރޭގައި ވޮލަޓައިލް ސަލްފަރ ކޮމްޕައުންޑްސް (ވީއެސްސީ) އުފެދެއެވެ. މި ކެމިކަލްތައް ބޮޑަށް ބޭރުވަނީ ދުލުގެ ފަހަތުން އަދި ކަރުންނެވެ.

އަނގައިން ނުބައިވަސްދުވުން، ފަރުވާކުޑަކޮށްފިނަމަ ސިއްހީ ގެއްލުންތަކެއްވެސް ދިމާވުން އެކަށީގެންވޭ/ ފޮޓޯ:ހެލްތީލައިފް.
އަނގައިން ނުބައިވަސް ދުވުމަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ. އެކަން ރަނގަޅު ކުރެވިދާނެއެވެ. އެހެންނަމަވެސް ފަރުވާކުޑަކޮށް، އެހާ ބޮޑުކަމެއް ނޫންކަމަށް ހަދައި އަޅާނުލައިފިނަމަ ވަހާއެކު އިތުރު ސިއްހީ ގެއްލުންތަކެއްވެސް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަނގައިން ނުބައި ވަސްދުވާ ނަމަ އެކަން ހައްލުކުރުމަށް މަސައްކަތް ކުރުން މުހިންމެވެ.
އަނގައިން ދުވާ ނުބައިވަހުގެ ބާވަތް ތަފާތުވަނީ އޭގެ ސަބަބަށް ބަލައިގެންނެވެ. ބައެއް މީހުން އެމީހުންގެ އަނގައިން މާބޮޑު ނުބައިވަހެއް ނުދުވަނީސް އެކަމާ މާބޮޑަށް ކަންބޮޑުވެއެވެ. އަނެއްބައި މީހުންނަށް އެމީހުންގެ އަނގައިން ނުބައިވަސް ދުވާކަމެއް ނޭނގެއެވެ. އަމިއްލަ އަނގައިން ދުވާ ވަސް އެނގުން އުނދަގޫވާތީ، ގާތް ރައްޓެއްސެއް ނުވަތަ ޢާއިލާގެ މެންބަރެއްގެ އަރިހުން މިކަން ކަށަވަރުކޮށްލުން މުހިންމެވެ.
އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް:

އަނގައިން ނުބައިވަސްދުވުން، ފަރުވާކުޑަކޮށްފިނަމަ ސިއްހީ ގެއްލުންތަކެއްވެސް ދިމާވުން އެކަށީގެންވޭ/ ފޮޓޯ:ހެލްތީލައިފް.
އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށާއި ފަރުވާ ކުރުމަށް ކުރެވިދާނެ ކަންތަައްތައް؛
ދޫ ސާފުކުރުމުގެ މުހިންމުކަން: އަނގައިން ނުބައިވަސް ދުވުމުގެ މައިގަނޑު އެއް ސަބަބަކީ ދުލުގައި އުޅޭ ބެކްޓީރިއާއެވެ. އެހެންކަމުން އެންމެ މުހިންމު އެއް ކަމަކީ ދޫ ރަނގަޅަށް ސާފުކުރުމެވެ. މިކަމަށްޓަކައި "ޓަންގް ސްކްރޭޕަރ" ބޭނުންކުރުން މުހިންމެވެ. ސަބަބަކީ ދަތް އުނގުޅާ ބުރުހުން އެކަނި ބޭނުންކޮށްގެން ދޫ އެންމެ އެކަށީގެންވާ ގޮތަށް ސާފެއް ނުކުރެވޭނެތީ އެވެ.
ދިޔާ ތަކެތި ބުއިމުގެ މުހިންމުކަން: ހަށިގަނޑު ޑީހައިޑްރޭޓް ވެފައި ހުރުމުން އަނގޭގައި ސަލްފަރ ކޮމްޕައުންޑްސް އުފެދި، އޭގެ ސަބަބުން ނުބައިވަސް ދުވުން އިތުރުވެއެވެ. އެހެންކަމުން އިރުއިރުކޮޅުން އަނގަ ތެންމާލުމަށްޓަކައި ފެން ބުއިން މުހިންމެވެ. ޚާއްޞަކޮށް ކޮފީ އަދި ސައި ފަދަ ތަކެތި ބޯނަމަ، އެއާ އެއްވަރަށް ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ.

އަނގައިން ނުބައިވަސްދުވުން، ފަރުވާކުޑަކޮށްފިނަމަ ސިއްހީ ގެއްލުންތަކެއްވެސް ދިމާވުން އެކަށީގެންވޭ/ ފޮޓޯ:ހެލްތީލައިފް.
ފްލޮސް ކުރުމުގެ މުހިންމުކަން: ހަމައެކަނި ދަތް އުނގުޅުމުން ނުފުދެއެވެ. ދަތުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ކާތަކެތި ނައްތާލުމަށް ފްލޮސް ކުރުން މުހިންމެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު ފްލޮސް ކުރަންވާނެއެވެ.
އިތުރު ސަމާލުކަން ދޭންވީ ކަންކަން: ސިނގިރޭޓް، ކޮފީ އަދި ސައި ފަދަ ތަކެތި ގިނައިން ބޭނުން ކުރުމަށް ފަހު ރަނގަޅަށް އަނގަ ދޮވެ ސާފު ނުކޮށް ގިނަ ވަގުތު ނަގާނަމަ، އަނގައިން ނުބައި ވަސް ދުވުމުގެ ފުރުޞަތު އިތުރުވެއެވެ. އަދި ގަވާއިދުން ދަތް އުނގުޅުމަކީ ވެސް މުހިންމު ކަމެކެވެ. މި ހުރިހާ ކަމަކަށް ސަމާލުކަން ދީގެން ކަންތައް ކުރާނަމަ، އަނގައިން ނުބައި ވަސް ދުވުމުގެ މައްސަލައިން ދުރު ވެވޭނެއެވެ.

