މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން “ޔޫތު ވެލްނެސް ލައުންޖް” ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތަކީ ކުރިން ހިންގަމުން އައި ޒުވާނުންގެ ހެލްތު ކެފޭގެ އައު ބްރޭންޑިންގ އެކެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު ޚިދުމަތް ކޮންމެ އާދީއްތަ ދުވަހެއްގެ ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބެން ހުންނާނެއެވެ. ޚިދުމަތުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ޞިއްޙީ ސްކްރީނިންގ އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ޞިއްޙަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.
މި ޚިދުމަތް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެ ގޮތަކަށް ޚިދުމަތް ލިބިގަނެވޭނެއެވެ. އެގޮތުން 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޚިދުމަތް ދޭ ގަޑިތަކުގައި ސީދާ ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ޚިދުމަތް ލިބިގަނެވޭނެއެވެ.
މި އައު ޚިދުމަތަކީ ކުރިން ހިންގަމުން އައި ޒުވާނުންގެ ހެލްތު ކެފޭ އިތުރަށް ޒަމާނީކޮށް، ކުރިއަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެކެވެ. މި ޚިދުމަތުގެ ސަބަބުން ޒުވާނުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

