ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ، ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
މި މައްސަލައިގައި ހޯދަމުންދަނީ ހ. ފެންތިލަގޭ ޙަސަން ޝާން (44 އަހަރު) އާއި ސ. ހިތަދޫ ކަށިފަށުވިގޭ އަޙްމަދު ޒަޔާން (25 އަހަރު) އެވެ. މި ދެ ފަރާތް އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
ފުލުހުން ވަނީ ޙަސަން ޝާން، 2025 ފެބްރުވަރީ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވާން އަންގާފައެވެ. އަދި އަޙްމަދު ޒަޔާން، އެ ދުވަހުގެ 14:00 އަށް ހާޒިރުވާން ވަނީ އަންގާފައެވެ.
މި ދެ ފަރާތް ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދުވަހަށް ހާޒިރު ނުވެވޭނަމަ، ވީ އެންމެ އަވަހަކަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.

