ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް އިތުރު މީހަކު ހޯދަން ފަށައިފިއެވެ.
މި މައްސަލައިގައި މިފަހަރު ހޯދަން އިއުލާންކޮށްފައިވަނީ ޅ. ނައިފަރު ސާތީގޭ އަނޫފް ޢަބްދުލްޣަނީ (27 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މި މައްސަލައިގައި އަނޫފް ޢަބްދުލްޣަނީ ވާނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ 16:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ. އަދި އެ ދުވަހަށް ހާޒިރުނުވެވޭނަމަ، ވީ އެންމެ އަވަހަކަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ދެ މީހަކު ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ. މިއާއެކު މި މައްސަލައިގައި ޖުމުލަ ތިން މީހަކު ހޯދަމުންދާކަން ފާހަގަކުރެވެއެވެ.

