އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމަޟާން މަހާ ގުޅުންހުރި ޕްރޮގްރާމެއްގެ ނަމާ މެދު އާންމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ ގުޅިގެން އެ ޕްރޮގްރާމްގެ ނަން ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހިންގާ ހަރަކާތެއްގެ ޕޯސްޓަރުގައި، “މައިންޑްފުލް ރަމަޟާން” މި ނަން އިނގިރޭސި ބަހުން ތާނަ އަކުރުން ލިޔެފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ޕޯސްޓަރު ހަރުކޮށްފައި ހުރީ އިސްލާމީ މަރުކަޒުގައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ “މައިންޑްފުލް ރަމަޟާން” އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން، އެ މިނިސްޓްރީން ޒުވާނުންނަށް އަމާޒު ކޮށްގެން ހިންގަމުން އަންނަ ޕްރޮގްރާމެއް ކަމަށެވެ. އަދި މިހާރު އެ ޕްރޮގްރާމްގެ ނަން “ރޯދަ މަހަށް ފަރުވާތެރިވުން” އަށް ބަދަލު ކޮށްފައިވާ ކަމަށް މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް ހާމަ ކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ މި ނަމާ މެދު ކުރިން ނުފެންނަ ނުތަނަވަސްކަން މިހާރު ފެނުނީ، މިހާރު ގައުމީ ރޫހު އާލާވެފައިވާ މިންވަރު ބޮޑު ކަމުން ކަމަށް ބެލެވޭ ކަމަށެވެ.
އާންމުންގެ ފަރާތުން މިކަމާ ގުޅިގެން ފާޅުކުރި ޚިޔާލުތަކުގައި، ދިވެހި ބަހާ ގުޅޭ ގިނަ އިދާރާތައް ހުރެމެ، ބަހާ ގުޅޭ ކަންކަމުގައި ލިބެން ޖެހޭ އެހީތެރިކަން ނުލިބޭތީ މިފަދަ ކަންކަން ހިނގާ ކަމަށް ފާހަގަ ކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ ވިސްނުންތެރިކަމާ އެކު ރޯދަ މަހުގެ އަޅުކަންތައް އަދާ ކުރުމާ ގުޅޭ ގޮތުން ބާއްވާ ހަރަކާތެކެވެ. މިނިސްޓްރީން މި ޕްރޮގްރާމްގެ ނަން ބަދަލު ކުރުމާއެކު، އާންމުންގެ ކަންބޮޑުވުންތަކަށް އިޖާބަ ދީފައިވާކަން ފާހަގަ ކުރެވެއެވެ.

