މިމަހުގެ 1 ވަނަ ދުވަހު ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި، މީހަކު މަރުވި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
މި އެކްސިޑެންޓްގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 30 އަހަރުގެ ޖާވިދު ޗައުދަރީއެވެ. ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ޖެހި ވެއްޓުމުން، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުން، ޖާވިދު ޗައުދަރީ ދުއްވަމުން ދިޔަ ސައިކަލް ކޯނުގައި ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަން ހުރި ކަމަށާއި، ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހުމުން ސައިކަލު މަޑުކުރި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން، އެކްސިޑެންޓްވި މީހާގެ ގައިގައި ޖެހުނު ސައިކަލު ވަނީ ޓޯވ ކޮށްފައެވެ. އަދި އެ ސައިކަލު ދުއްވި ފަރާތުގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފެހެއްޓި މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.
ފުލުހުން މިހާރު ދަނީ އެކްސިޑެންޓްގައި ޖެހުނު ސައިކަލު ދުއްވަމުން ދިޔަ ދުވެލި ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

