ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓް އިމާރާތުގެ ނުވަވަނަ ބުރިން ދިވެހި ޒުވާނަކު ވެއްޓި ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވި ފަރާތަކީ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް (31 އަހަރު) އެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، ސްޓެލްކޯ ފްލެޓުގެ ސީ ޓަވަރުގެ ބިއްދޮށް ފަޅިއަށް ވެއްޓިފައި އޮއްވާ ފެނުމާ ގުޅިގެން ވަގުތުން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖުން ދައްކާ ގޮތުގައި، އިބްރާހިމް ޝަރަފް ވެއްޓިފައިވަނީ އިމާރާތުގެ ބިއްދޮށް ފަޅިއަށެވެ. އެއީ އާންމުކޮށް ކާރުފަދަ އުޅަނދުތައް ޕާކުކުރާ ސަރަހައްދެކެވެ. އަދި ހާދިސާ ހިނގި ވަގުތު އެތަނުގައި ފުލުހުންގެ ކާރެއް މަޑުކޮށްލައިގެން އޮތްކަން ވެސް ވީޑިއޯ ފުޓޭޖުން ފެންނަން އެބަހުއްޓެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތުގެ އާއިލާގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، ނިޔާވި ފަރާތުގެ ފޮޓޯ އަދި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

