އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މިއީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ނިންމި ނިންމުމެކެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. “އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުން” މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުކަމަށް ބައިވެރިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އިތުރު މުހިންމު ނިންމުންތަކެއްވެސް ނިންމާފައިވެއެވެ. އެގޮތުން އެސްޓީއޯ، އާސަންދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވެފައެވެ. މި އައު އޮންލައިން ޕްލެޓްފޯމަކީ އެ މަސައްކަތުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.

