ވިލާ ގްރޫޕްގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާ ބެހޭ ގޮތުން ލިޔުއްވާފައިވާ ބަޔޯގްރަފީ މިރޭ ވިލާ ކޮލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނެރެފިއެވެ.
ހަތްސަތޭކައަށްވުރެ ގިނަ ބަހުގެ މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ. މިއީ ރައީސް މުޙައްމަދު އަމީނު އަދި ރައީސް މުޙައްމަދު ވަޙީދުގެ ބަޔޯގްރަފީތަކަށްފަހު ޖަމީލް ލިޔުއްވި ތިންވަނަ ބަޔޯގްރަފީއެވެ. މި ފޮތާއެކު އޯޑިއޯ ފޮތެއްވެސް ނެރެފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އިލްޔާސް އިބްރާހިމް ވިދާޅުވި ގޮތުގައި، ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާ ގުޅޭ ފޮތެއް ނެރުމަށް ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެކެވެ. “އަބަދުވެސް ހުރިހާ ކަމެއްގެ އާ ގޮތްތަކާއި، އޭގެ އެންމެ ފައިދާ ބޮޑު ގޮތްތައް ހޯއްދަވައިގެން އެ ފުޅާ ކުރައްވަމުން ގެންދެވި ބޭފުޅެއް،” އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާސިމަކީ ދީލަތި އަދި އެހެން މީހުންނަށް ފައިދާވާނެ ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭގެ ހެއްކެއްގެ ގޮތުގައި، ގާސިމްގެ ހަރަދުގައި ގިނަ ބަޔަކު މަތީ ތައުލީމު ހާސިލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އަދި އާންމުންނަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ. މި ފޮތުން ގާސިމްގެ ވިޔަފާރީގެ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާތަކާއި ކާމިޔާބީތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.

