ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.
މި އިތުރުވުމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި، ޖެނުއަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމާއި، ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފައިވުން ހިމެނެއެވެ.
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި މި މުއްދަތުގައި 90 ޕަސެންޓު ރިސޯޓުތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވެއެވެ. މި ގަވާއިދުގެ ދަށުން “ކެޓެގަރީ އޭ” ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހެއެވެ.
އަދި “ކެޓެގަރީ ބީ” ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހެއެވެ. މި ގަވާއިދަށް ގެނެވުނު ބަދަލުތަކާ އެކު، ދައުލަތުގެ ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.

