މަސްވެރިކަމަށް މަޝްހޫރު ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން 298،751 ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ވަނީ ހިރިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި، މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.
ހިރިލަންދޫއަކީ މެދުރާއްޖެތެރޭގައި މަސްވެރިކަމަށް އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ޚާއްޞަކޮށް ރިހާކުރު އުފެއްދުމާއި ވަޅޯމަސް އުފެއްދުމުގައި ހިރިލަންދޫއަކީ ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ.
މީގެއިތުރުން މަސްދޯނިފަހަރު ބަނުމާއި، މަސްވެރި ލާންޗް އަދި ޑިންގީ ބަނުމުގެ މަސައްކަތުގައިވެސް ހިރިލަންދޫއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަސައްކަތްތެރި ރަށެކެވެ. މި ކޯލްޑް ސްޓޯރޭޖް ގާއިމްކުރެވުމުން ރަށުގެ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

