ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ އިތުރުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑު ބެންކުން 8.3 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދޭން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަހުގެ ބާވަތްތައް އުފައްދާ ކުންފުނިތައް ތިބީ ބަނގުރޫޓުވެފައެވެ.
“މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރުވަނިވި ޕްރޮޑަކްޓުތައް ނެރުމަށް ވޯލްޑު ބެންކުގެ އެހީތެރިކަމާއެކީ މިހާރު 8.3 މިލިއަން ޑޮލަރު ވާނީ ހަމަޖެހިފައި،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ހާއްސަކުރެވިފައިވާއިރު، ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެއިތުރުން، މިހާރުވެސް މިނިސްޓްރީގެ ރިވޯލްވިންގ ފަންޑުން 18 މިލިއަން ރުފިޔާގެ ލޯނު މަސްކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާ އެކީ މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ފަންޑިން ލިބޭނެ އުސޫލުތައް ކަނޑައަޅައި އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ

