ސްދޯނިފަހަރުން މިފްކޯއަށް މަސްކިރުވަން އޮތް ކިއު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނައްތާލާނެ ކަމަށާއި، މިއީ މަސްވެރިން ކިއުގައި ޖެހިގެން މަސް ކިރާނެ ފަހު އަހަރު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްދޯނިފަހަރު މަސްކިރުވަން ކިއުގައި ޖެހެން ޖެހޭ ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެންގެ މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނުވަތަ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް މިކުރެވޭ މަސައްކަތުން މި ކިއު އަޅުގަނޑުމެން ނައްތާލާނަން،" ވަޒީރު ޝިޔާމް
ވަޒީރުގެ ވާހަކަފުޅުގައި، މިދިޔަ ސަރުކާރުން މަސްކިރަން މިފްކޯއަށް ގަނެފައިވާ ބޯޓުތަކުގެ ކެޕޭސިޓީ ހުރީ ވަރަށް ދަށްކޮށް ކަމަށާއި، ގިނަ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ބޯޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފްކޯގެ މިވަގުތުގެ ކެޕޭސިޓީއަކީ ދުވާލަކު 420 ޓަން ކަމަށާއި، ނަމަވެސް 450 ޓަނުގެ މަސް ކިރަންޖެހޭ ދުވަސްތައްވެސް މިހާރު އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ މި މަސައްކަތްތައް ނިންމައި، އޭގެ ސަބަބުން މިހާރު ހުރި 8000 ޓަނުގެ ސްޓޯރޭޖް 25000 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

