އަބަދުވެސް އަނބުގެ މޫސުމަކީ ދިވެހިން އުފާކުރުވާ ކަމެކެވެ. މި މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަނބު އަޅައި، އޭގެ މީރުކަން ލިބުމުގެ ނަސީބު ލިބުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އަމުދުން ރަމަޟާންމަހާ ދިމާކޮށް މިމޫސުމާ ބައްދަލުވުމަކީ ދިވެހިންނަށް ލިބިދޭ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ. ރޯދަވީއްލުމަށް ދޮންއަނބު ބޭނުންކުރުމަކީ ގިނަ ބައެއްގެ އާދައެކެވެ. އަދި ހަމަ މިއާއެކު އަނބުއަސާރަ، ރޯދަ ވީއްލުމަށްފަހު ކެއުމުގެ ސުފުރާ މަތިން، އަދި ރޭގަނޑުގެ ހާރު ސުފުރާގައި ގަރުދިޔަލާއި ބަތާއެކު ކާން ލިބެން ހުރުމަކީ ދިވެހިންގެ ޒަމާންވީ އާދަކާދައިގެ ބައެކެވެ.
އަނބު އަސާރަ ތައްޔާރުކުރުމުގެ ފަސޭހަ ގޮތް
އަނބު އަސާރަ ތައްޔާރުކުރުމަށް ބޭނުންވަނީ
ބޭނުންވާތަކެތި
- 4 ޖޯޑު އަނބު(އޮއްފެޅޭވަރުގެ) ފަޅިކޮށް، 2 އިންޗި ހުންނަވަރަށް ކޮށާފައި
- 2 ޖޯޑު ވިނިގަރ
- 12 ލޮނުމެދު (ތުނިކޮށްކޮށާފައި)
- 4 ފިޔާ
- ޖޯޑު ފިޔާ(ކޮށާފައި)
- 4 ސ. އަސޭމިރުސް(މުގުރާފައި)
- 2 ގޮތޮޔޮ މިރުސް
- 8 އިންޗި އިނގުރު(ތުނިކޮށް ކޮށާފައި)
- 3 މ. ސަމްސާގެ ތެޔޮ
- 8 ހިކނދިފަތް
- 8 ތޮޅި މިރުސް
- އިންޗި ހުންނަވަރުގެ ރާނބާފަތް ކޮޅެއް
- މީގެ އިތުރުން ރަހަ ގެނައުމަށް ލޮނާއި ރީނދޫ އަދި ކުކުޅު ހަވާދުވެސް ބޭނުންވެއެވެ.
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ އަނބު ފަޅިކޮށް، ދެ އިންޗި ހުންނަވަރަށް ކޮށައި، ހޫނުފެނަށް އަޅައި 15 މިނެޓަށް ބަހައްޓަންވާނެއެވެ. އޭގެފަހުން އަނބުކޮޅު އަވިލައި ހިއްކާލަންވާނެއެވެ. ދެން ތެއްޔެއްގައި ތެޔޮކޮޅެއް އަޅައި، ފިޔާ، ހިކަނދިފަތް އަދި ރާނބާފަތް އަޅައި މޯޅިކުރުމަށްފަހު، އެހެން ހަވާދުތައް އަޅައި، ވިނިގަރާއި ލޮނު އަޅައި، އަނބުކޮޅު އެއްކޮށްލަންވާނެއެވެ. މިއަށްފަހު ދެ ދުވަހު އަވީގައި ބެހެއްޓުމުން އަނބު އަސާރަ ތައްޔާރުވީއެވެ.
އަނބު އަސާރައަކީ ރޯދަމަހު ގޭގޭގައި ތައްޔާރުކުރާ ޚާއްޞަ ކާނާއެކެވެ. މިއީ ރާއްޖޭގެ އާދަކާދައިގެ ތެރެއިން ޖީލުތަކަށް ވާރުތަވަމުން އައިސްފައިވާ ރަހަމީރު ކެއުމެކެވެ. ރޯދަމަހުގެ ސުފުރާމަތި މި ޚާއްޞަ ކާނާއިން ފުރިހަމަކޮށްލުމަކީ ކޮންމެ ގެއެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ހަނދާން އައުކޮށްލުމާއެކު، އާއިލީ އަދި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލުމަށް ކެއުމަކަށް ދެވޭ ދައުވަތުގެ ސުފުރާގައި އަނބުއަސާރަ ބައިވެރިކޮށްލުން ކީއްތޯއެވެ!

