ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުމުގެ ރަސްމިއްޔާތު އިއްޔެ ވިލާ ކޮލެޖުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މި ބަޔޯގްރަފީން ކޮންމެވެސް އެއްޗެއް ދަސްވެ، އޭގެ ބޭނުން ހިފައި ބަޔަކަށް މަންފާއެއް ލިބުމަކީ އެދުމެއް ކަމަށެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، އޭނާ މިދުނިޔެ ދޫކޮށްދާއިރު ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ކުރި ޚިދުމަތްތައް އަދި ހަޔާތުގައި ދިމާވި ގޮންޖެހުންތަކާއި އެކަންތައްތައްތަކަށް ހައްލު ހޯދިގޮތް އަންނަން އޮތް ޖީލަށް އެނގެން ބޭނުންވާތީ މި ބަޔޯގްރަފީ ލިޔުއްވަން ނިންމެވި ކަމަށެވެ.
“އަޅުގަނޑު މިއަދު ބަޔޯގްރަފީއެއް ލިޔަން ނިންމި ސަބަބަކީ ޑރ. ޝައުޤީ ވިދާޅުވެދެއްވައިފި. އެއީ އަޅުގަނޑު ނިމިގެންދާއިރު، އަޅުގަނޑުގެ ހަޔާތުގައި ކުރި ދަތުރުގައި ފެނުނު މަންޒަރާއި އަޑުތައް އަދި ލޮލަށް ފެނުނު ކަންތައްތަކާއި އަޑުއިވުނު ކަންތައްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއްނަމަވެސް ދޫކުރައްވަން ވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރީ. އެއީ ފަހަށް އަންނަ ޖީލުގެ ބަޔަކަށް އޭގެން ފައިދާކުރުމުގެ ބޭނުމުގައި.” ޤާސިމް ވިދާޅުވިއެވެ.
މި ބަޔޯގްރަފީގައި، ޤާސިމްގެ ކާމިޔާބީތަކާއި ނާކާމިޔާބުތަކުގެ އިތުރުން ވިޔަފާރިއާއި އިޖުތިމާއި ގޮތުން އޭނާ ކޮށްދެއްވާފައި ހުރި ހިދުމަތްތައް ހިމެނެއެވެ. އަދި ޤާސިމްގެ އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރުގެ ވާހަކަތައް ވެސް މި ހަޔާތުނާމާގައި ލިޔެފައިވެއެވެ.
ޤާސިމް އިބްރާހީމްއަކީ ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އަދި އިޖްތިމާޢީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. 1976 ގައި އަމިއްލަ ވިޔަފާރި ފެއްޓެވުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ސަފަށް އަރާވަޑައިގަތެވެ. އަދި ވިޔަފާރީގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތަކުގައިވެސް އޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ.

