އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ވޯލްޑް ގަވަރމަންޓް ސަމިޓް” ގައި ބައިވެރިވެ ވަޑައިގަތުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު މިއަދު ފުރާވަޑައިގެންފިއެވެ.
މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ސަމިޓަކީ ދުނިޔޭގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓްގައި ދިވެހި ސަރުކާރުން ތަމްސީލުކުރައްވާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިތުރު ދެ މިނިސްޓަރުންނެވެ.
ސަމިޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ހައިދަރު ވިދާޅުވީ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރުމުގެ ސެޝަންތަކެއް ކަމަށެވެ. “ހަމައެއާއެކީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރުން ވަކިން ޚާއްޞަކޮށް ބައެއްކަހަލަ ތަޖުރިބާތައް ބަދަލުކުރުމުގެ ވަރަށް ބޮޑު ކޮންފަރެންސެއް މިއީ،” ވަޒީރު ވިދާޅުވިއެވެ.
މި ސަމިޓްގައި ފަންނިއްޔާތާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

