ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ހުރިހާ އައިސްޕްލާންޓްތަކެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ފެނަކައާ އެ ތަންތަން ހަވާލުކުރިއިރު، އައިސްޕްލާންޓްތައް ހިންގުމުގެ ގާބިލުކަން އެ ކުންފުނީގައި ނެތްކަމަށް ވެސް ފާހަގަކުރެއްވިއެވެ.
“އައިސްޕްލާންޓްތަކާ ގުޅޭ އިންޖިނިއަރުން ނެތުން، ރެފްރިޖެރޭޝަންއާ ގުޅޭ ދާއިރާގެ ބޭފުޅުން ނެތުން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނު،” މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓްތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ވިދާޅުވި މިނިސްޓަރު ޝިޔާމް، މިހާރު ގިނަ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފެނަކައަށް ގެއްލުންވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު ތެރޭގައި ހުއްޓާލާފައެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މި މަހުގެ 15 އަކީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚެވެ.

